Tuesday, May 14, 2013

ބޮލްގް ޓާސްކް 1-


3.  ބިހޭވިއަރަލް ލާރނިންގ ތިއަރީ (ސުލޫކީ އުނގެނުމުގެ ނަޒަރިއްޔާ)
ބިހޭވިއަރަލް ތިއަރީއަކީ މާހައުލުން އުނގެނޭ ފަރާތްތަކަށް ކުރުވާ އަސަރެއްގެ ނަތީޖާއެއްގެ ސަބަބުން ބޭރުފުށުން ހާމަވެ ފާޅުވާ ދާއިމީ ބަދަލެކެވެ މި ނަޒަރިއްޔާގެ މީހުން ގަބޫލުކުރާގޮތުގައި އިންސާނާގެ ސުލޫކު ގުޅިފައިވަނީ އޭނާގެ މާހައުލުން ކުރާ ތަޖުރިބާތަކަކުންނާއި ފަރިތަކުރުންތަކެއްގެ ސަބަބުންނެވެ. މިގޮތުން މި ތިއަރީގައި އެއްޗެއް އުނގެނުނުކަމަށް ބެލެވޭނީ ބޭރުފުށުން އެކަމެއް ހާމަވުމުންނެވެ.
މި ތިއަރީގެ މައިގަނޑު ކޮންސެޕްޓް ގުޅިފައިވަނީ ތަފާތު ތިން ލަފުޒުކަމަށްވާ ސްޓިމިލައި، ބިހޭވިއަރ އަދި ރެސްޕޯންސް އާ އެވެ. މިގޮތުން މި ތިއަރީގައި އިހްސާސްއަކާ ގުޅިގެން އަންނަ ނަތީޖާއެއް އޮންނަންޖެހޭނެ އެވެ. ބިހޭވިއަރަލް ތިއަރީ އާ ގުޅޭގޮތުން ތިން ބޭފުޅުން ތަފާތު ތިންކަމަކަށް ތިއަރީ ހުށަހަޅުއްވާފައިވެ އެވެ. އެއީ އެޑްވިން އާރ ގުތުރީ ހުށަހަޅުއްވާފައިވާ ކޮންޓިގުއިޓީ ތިއަރީ އާއި އިވާން ޕެވެލޯވް ތައާރަފުކުރި ކްލެސިކަލް ކޮންޑިޝަން އާއި ބީ.އެފް ސްކިނަރ ތައާރަފުކުރި އޮޕްރަންޓް ކޮންޑިޝަންއެވެ. މި ތިން މަފްހޫމްވެސް ތަފާތު ތިން ގޮތަކަށް ހުށަހަޅުއްވާފައިވާއިރު، ކުލާސްރޫމްގައި ފިލާވަޅު ނަންގަވާއިރު އޮޕްރަންޓް ކޮންޑިޝަންގައި ހިމެނޭ ބައިތަކަށް ސަމާލުކަންދީގެން ކުރިއަށް ގެންދިޔުމަކީ ފިލާވަޅު އިތުރަށް ޝައުގުވެރިވެ ކުދިންގެ ސުލޫކުގައި އަށަގަންނުވަން ބޭނުންނުވާ ކަންތައްތައް ދުރުކޮށްދޭނެ ގޮތެއް ކަމަށް ގަބޫލުކުރެވެއެވެ.

4.  ކޮންސްޓްރަކްޓިވިޒަމް ތިއަރީ
ކޮންސްޓްރަކްޓިވިޒަމް އަކީ މަޝްހޫރު ޖޭން ޕިއާޖޭ އާއި ވައިގޮޓްސްކީގެ ހިޔާލުގެ މައްޗަށް އެކުލެވިފައިވާ ތިއަރީއެކެވެ.  މި ތިޔަރީގެ މީހުން ގަބޫލުކުރާ ގޮތުގައި ދަރިވަރުން އުނގެނެނީ ކުރިން އެކުދިންނަށް ލިބިފައިވާ މަޢުލޫމާތުތަކާއި ގުޅުވައިގެންނެވެ.  މިގޮތުން ކުއްޖާ އުޅޭ މާހައުލުންނާއި ކުއްޖާއަށް ވިސްނޭ ވިސްނުން، އުނގެނުމުގައި ދަރިވަރުންނަށް ވަރަށް މުހިންމު ރޯލެއް އަދާކުރެއެވެ. މި ތިއަރީގެ އަލީގައި ކިޔަވަދޭއިރު ދަރިވަރުންނަށް އަމިއްލައަށް ކަންކަން ހޯދުމަށް ފުރުސަތު ހުޅުވިގެންދެއެވެ. އަދި ވަކިވަކި ދަރިވަރުންގެ ކަންކަމާމެދު ދެކޭގޮތް އެނގި އެހެންކުދިންގެ ހިޔާލުތަކަށް އިހުތިރާމްކުރުމުގެ ސިފަ އަށަގެންނުވެ އެވެ. ސަބަބަކީ ޖިގްސޯ މެތަޑާއި ތިންކިން ހެޓްސް ފަދަ ހަރަކާތްތަކުގެ ސަބަބުން ދަރިވަރުން ކަންކަމުގައި އަމިއްލައަށް ވިސްނަން ދަސްވުމުގެ އިތުރަށް ގުޅިގެން އުޅެން ދަސްވާތީއެވެ.  އެހެންކަމުން ކޮންސްޓްރަކްޓިވިޒަމްއަކީ މުދައްރިސެއްގެ ހައިސިއްޔަތުން ބޭނުންކުރަން ވަރަށް ރަނގަޅު ތިއަރީއެއް ކަމަށް ގަބޫލުކުރެވެއެވެ.

5.  ކޮގްނެޓިވް ލާރނިން ތިއަރީގެ އަލީގައި އުނގެނުން
މިތިއަރީގެ އަލީގައި އުނގެނުމަކީ ކުރިން އެނގިފައިވާ އެއްޗެއްގެ މައްޗަށް އަލަށް ދެނެގަނެވޭ އެއްޗެއް ގުޅުވާލަން އެނގުމެވެ. މި ތިއަރީގެ މައިގަނޑު ކޮންސެޕްޓަކީ އިންފޮމޭޝަން ޕްރޮސެސިން ތިއަރީއެވެ. މާނައަކީ ކުއްޖާގެ ސިކުނޑީގައި މައުލޫމާތުތައް ބެހޭ ބައިތަކެވެ. މި ތިއަރީގެ މީހުން ގަބޫލުކުރާގޮތުގައި ދަރިވަރުންނަށް އުނގަންނައިދޭއިރު، ދަރިވަރުންގެ ސިކުނޑީގެ ތަފާތު މަސައްކަތްތަކަށް ރިޢާޔަތްކޮށްގެން ކިޔަވަދޭންޖެހެއެވެ. އެހެނީ ފައިދާ ހުރި އުނގަންނައިދިނުމަކަށް ވަނީ އޭރުންނެވެ. ވީމާ ކޮގްނެޓިވް ލާރނިންގ ތިއަރީގެ އަލީގައި ކިޔަވަދޭއިރު، މުދައްރިސު އަބަދުވެސް ދަރިވަރުންގެ ސަމާލުކަން ހޯދާ ސަމާލުކަން ދަމަހައްޓަން މަސައްކަތްކުރަންޖެހެއެވެ.  އެކުދިން ދަސްކުރާ އެއްޗެހި ދޭހަކުރަން ފުރުސަތު ދީ ފަރިތަކުރަން ވަގުތު ދޭންޖެހެއެވެ.  ދިވެހި މާއްދާގައި ހިމެނޭ ގަވާޢިދުގެ ބައިތަކާއި ދޭހައިގެ ބައިތަކަކީ މުދައްރިސުންނަށް ކޮގްނެޓިވް ތިއަރީގެ އަލީގައި އުނގަންނައިދެވިދާނެ ބައިތަކެއް ކަމުގައި ގަބޫލުކުރެވެއެވެ.

6.  ކްލާސްރޫމް އެސެސްމަންޓް
ތަފާތު ވަގުތުތަކުގައި ތަފާތު ގޮތްގޮތަށް ކިޔަވާ ކުދިންގެ ހާލަތު ގެނެވެއެވެ. ދަރިވަރުންގެ ފެންވަރު ވަޒަންކުރެވެއެވެ. ދަރިވަރުންގެ ފެންވަރު ވަޒަންކުރުމުގައި މައިގަނޑު ފަސް ހާލަތަކަށް ދަރިވަރުންގެ ފެންވަރު ވަޒަންކުރެއެވެ. އެއީ ފިލާވަޅުގެ ތެރޭގަ ދަރިވަރުގެ ފެންވަރު ވަޒަންކުރުމާއި ފިލާވަޅު ނިމުމުން ދަރިވަރުގެ ފެންވަރު ވަޒަންކުރުމާއި ޔުނިޓް ނިމުމުން ފެންވަރު ވަޒަންކުރުމެވެ. ކިޔަވައިދިނުމުގައި ދަރިވަރުންގެ ފެންވަރު ވަޒަންކުރުމަކީ މުދައްރިސެއްގެ ހައިސިއްޔަތުން ކުރަން ޖެހޭނެ ކަމެކެވެ. އެހެނީ ފެންވަރު ވަޒަންކުރުމަކީ ކިޔަވައިދިނުމުގެ ބަޔެއްކަމުގައި ގަބޫލުކުރެވޭތީއެވެ. ކުދިންނަށް ކިޔައިދިން އެއްޗެއް އެނގުނުކަމަށް ބެލެވޭނީ އެކުދިންގެ ފެންވަރު ވަޒަންކުރެވިގެންކަމުގައި ވާތީއެވެ. މިގޮތުން ދަރިވަރުންގެ ފެންވަރު ވަޒަންކުރުމަށްޓަކައި ތަފާތު ފެންވަރުގެ ޓެސްޓުތައް ބޭނުންކުރެއެވެ. އާންމުކޮށް ބޭނުންކުރަނީ ސަމޭޓިވް އެސެސްމެންޓާއި ފޯމޭޓިވް އެސެސްމެންޓެވެ.
7.  ދަރިވަރުން ދަސްކުރާގޮތް (ލާރނިން ސްޓައިލް) 
އުނގަންނައިދިނުމުގެ ވައްތަރުތަކުގެ ބޭނުމަކީ މުދައްރިސުންނަށް ފަސޭހަކަމާއެކު އެމީހުންގެ ކިޔަވައިދިނުމުގެ ތެރޭގައި ހޭދަކުރުން ކަމުގައި ގަބޫލުކުރެވެއެވެ.  މިގޮތުން އުނގަންނައިދިނުމުގައި ތަފާތު ވައްތަރު އެކުލެވެއެވެ. އެންމެ މުހިންމު ވައްތަރުތަކަކީ އަޑުއަހައިގެން، ބަލައިގެން، އަމަލީގޮތުން އެކަމެއް ކޮށްގެން ދަސްކުރާ ދަސްކުރުމެވެ. ތެދެކެވެ. ކުލާސްރޫމަށް ބަލާލިކަމުގައިވިޔަސް ބައެއް ދަރިވަރުންނަކީ އަޑުއަހައިގެން ދަސްކުރާ ކުދިންނެވެ. އަނެއް ބައި ކުދިންނަކީ އެއްޗެއް ބަލައިގެން ދަސްކުރާ ކުދިންނެވެ. ހަމައެއާއެކު އަމަލީގޮތުން އެކަމެއް ކޮށްގެން ދަސްކުރާ ކުދިންވެސް އުޅެއެވެ. ވީމާ މުދައްރިސު ކުލާހުގައި ފިލާވަޅު ނަންގަވާދެއްވާއިރު ދަރިވަރުން ދަސްކުރާ ތަފާތުގޮތްގޮތަށް ވިސްނައިގެން ފިލާވަޅު ކުރިއަށް ގެންދަންޖެހެއެވެ. 

Thursday, March 28, 2013

އުނގެނުމާއި އުނގަންނައިދިނުމުގައި ޝައުގުވެރިކަން


ބޮލްގް ޓާސްކް 1
އުނގެނުމާއި އުނގަންނައިދިނުމުގައި ޝައުގުވެރިކަން
އުނގެނުމާއި އުނގަންނައިދިނުމުގައި ޝައުގުވެރިކަމަކީ ވަރަށް މުހިންމު ކަމެކެވެ. އެހެނީ ތިމާ ކުރާ ކޮންމެ ކަމެއް ވެސް ގުޅިފައިވަނީ ޝައުގުވެރިކަމާއެވެ. ބައެއް މީހުންނަކީ އެމީހުންގެ އަމިއްލަ ޒާތުގައި ވަކި ކަންތައްތަކެއް ކުރުމަށް ޝައުގުވެރިކަން ހުންނަ މީހުންނެވެ.  އެ ފަދަ މީހުން ތިބޭނީ އަބަދުވެސް އެކަމެއް ކުރާ ހިތުންނެވެ.
ބައެއް ސައިކޮލޮޖިސްޓުން ދެ ގޮތަކަށް މޯޓިވޭޝަން ( ޝައުގުވެރިކަން) މާނަކުރެ އެވެ. އެއް ގޮތަކީ ފަރުދީ ގޮތުން ކޮންމެ ފަރުދެއްގެވެސް އެތެރޭގެ ބޭނުންތަކުގެ މައްޗަށް ބިނާވެފައިވާ މޯޓިވޭޝަނާއި ވަކި ހާލަތަކާ ގުޅިގެން އުފެދޭ މޯޓިވޭޝަނެވެ. މިގޮތުން ކުލާސް ރޫމްގައި ކުދިން ޝައުގުވެރިވާނޭ ގޮތަށް ކަންތައްތައް ބައްޓަން ކުރުމީ ވަރަށް މުހިންމު ކަމެކެވެ. މިސާލަކަށް ޓާރމް ޓެސްޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ކުދިންނަށް އިނާމެއް ދޭނަމޭ ބުނުން ނުވަތަ ހުރިހާ ކުދިން ފާސް ވެއްޖެނަމަ ދަތުރަކު ދާނަމޭ ބުނުން ފަދަ ކަންކަމަކީ އޭގެ ސަބަބުން ކުދިންގެ ނަތީޖާ ރަނގަޅުވުމަށް މަގުފަހިވާ ކަންކަމެވެ. ވީމާ ކިޔަވައިދޭއިރު، ކުދިން ޝައުގުވެރިވާނޭ ގޮތްތަކަކީ ކޮބައިތޯ ބަލައި އެ ގޮތްގޮތައް ކުދިން ޝައުގުވެރިކުރުވުމަކީ ވަރަށް މުހިންމު ކަމެކެވެ.

Tuesday, March 26, 2013

އުނގެނުމާއި އުނގަންނައިދިނުމުގައި ސައިކޮލޮޖީ


ބޮލްގް ޓާސްކް 1
އުނގެނުމާއި އުނގަންނައިދިނުމުގައި ސައިކޮލޮޖީ

އެޑިޔުކޭޝަނަލް ސައިކޮލޮޖީ އަކީ އުނގަންނައިދިނުމުގެ މާހައުލުގައި ދިމާވާ އެކިއެކި މައްސަލަތަކާއި އެ މައްސަލަތައް ދެނެގަނެ ހައްލުކުރާނެގޮތްތަކާއި، އުނގަންނައިދިނުމާ ގުޅިފައިވާ އެކިއެކި ތިއަރީތަކާއި މި ތިއަރީތައް ބޭނުންކުރާނެ ގޮތްތައް ކަނޑައެޅިފައިވާ ޢިލްމެވެ. ތާރީޚަށް ބަލާއިރު، މި އިލްމު ތަފާތު އެކި މަރުހަލާތަކަށް ބަދަލުވެފައިވާއިރު، އެންމެ ފުރަތަމަ މި އިލްމުގައި  ބެލިފައިވަނީ ފަރުދީތަފާތުތަކާއި ހާސިލު ކުރެވޭ މިންވަރުތައް ދެނެގަތުމަށެވެ. ނަމަވެސް ފަހުގެ ތާރީޚެއްގައި އުނގަންނައިދިނުމުގައި ހަރަކާތްތެރިވާ ސައިކޮލޮޖިސްޓުން ވަނީ ދަރިވަރުންގެ ވިސްނުން ތަރައްގީވަމުން އަންނަގޮތާއި ދަސްކުރާގޮތް ދެނެގަތުމުގެ އިތުރުން ދަރިވަރު ދިރިއުޅޭ ވެށްޓާއި ޘަގާފަތުން އަދި އިޖްތިމާއި އެކި އެކި ގުޅުންތަކުގެ ސަބަބުން ދަރިވަރުގެ އުނގެނުމަށާއި ކުރިއެރުމަށް އަންނަ އަސަރުތައް ދެނެގަތުމަށްޓަކައި ދިރާސާތަކެއް ކޮށްފައެވެ.
ކިޔަވައިދިނުމުގެ ދާއިރާގައި އެޑިޔުކޭޝަނަލް ސައިކޮލޮޖީއަކީ  އުނގަންނައިދިނުމުގައި ހަރަކާތްތެރިވާ ކޮންމެ މުދައްރިސަކުވެސް އެނގިފަ އޮތުން މުހިންމު އިލްމެކެވެ. ސަބަބަކީ ކުއްޖާގެ ވިސްނުމާއި ސުލޫކަށް އަންނަ ބަދަލުތައް މުދައްރިސަށް ފާހަގަކުރެވެނީ މި އިލްމުގެ ތެރެއިން ކަމުގައި ވާތީއެވެ. ހަމައެއާއެކު އުނގަންނައިދިނުމާއި ގުޅޭގޮތުން ހެދިފައިވާ އެކިއެކި ތިއަރީތަކަކީ އުނގަންނައިދިނުމުގެ މަސައްކަތް ދެނެގަތުމުގައި ބޭނުން ހިފިދާނެ ތިއަރީތަކެކެވެ. މި ތިއަރީތަކުގެ އެހީގައި ދޭދޭ ކުދިންގެ މެދުގައި ހުންނަ ވިސްނުމުގެ ތަފާތުތަކާއި އެކި ކުދިން އުނގެނުމުގައި ގެންގުޅޭ ގޮތްތައް ދަސްކުރެވެ އެވެ. އެހެންކަމުން އެޑިޔުކޭޝަނަލް ސައިކޮލޮޖީ އާއި މި އިލްމުގެ ދަށުން ހެދިފައިވާ ތިއަރީތަކަކީ އުނގަންނައިދިނުން މަގުފަހިކުރުމަށްޓަކައި ބޭނުން ހިފިދާނެ ބައިތަކެއް ކަމުގައި ގަބޫލުކުރެވެ އެވެ.